ވަގުތު ބޭކާރު ނުކުރުމަށް ދެ އިންތިހާބު އެކުގައި ބޭއްވުން މުހިންމު: މުއްތަލިބު 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭ ފޭސް އެކެއްގައި ހަދާ 182 ފުލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު -- ފޮޓޯ: ހައުސިން މިނިސްޓްރީ

ސިޔާސީ ހަލަބޮލިކަމުގައި ވަގުތު ބޭކާރުކުރުމަކީ ރައްޔިތުން އެދޭ ގޮތް ކަމުގައިނުވާތީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭ ފޭސް އެކެއްގައި ހަދާ 182 ފުލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރެއް އިންތިހާބުކުރެވެނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށާއި ސިޔާސީ ހުރަސްތައް ކުރިމަތިވެ، ރައްޔިތުންނަށް ހިދުމަތްކުރަން ލިބޭ ވަގުތު ބޭކާރުވެގެންދާކަށް ނޫން ކަމަށެވެ.

ސަރުކާރެއް އިންތިހާބުކުރެވެނީ ސިޔާސީ ނަފްރަތުގައި ސަރުކާރާއި މަޖިލިސް ޖެހި، އެއްވެސް ކަމެއް ނުވެ އޮވެ، ދައުރު ނިމިގެންދާކަށް ނޫން ކަމަށާއި ގާނޫނުއަސާސީއާއި ގާނޫނުގައި ހުރި ސްޓްރަކްޗަލް ދަތިކަމާ ހުރެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފަދަ މަޝްރޫއުތައް ހިންގުމަށް އޮތް ވަގުތު ބޭކާރުވެގެންދާކަށެއް ވެސް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ރައްޔިތުން ސަރުކާރުގެ ފަރާތުން އެދެނީ ރައްޔިތުން އެދޭ ކަންތައްތައް ކޮށްދިނުމަށް. ފްލެޓު އެޅުމަށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދިނުމާއި ބަނދަރު ފަދަ ތަންތަން ހެދުމަށް. ކަމެއް ނުވެ ސިޔާސީ ހަލަބޮލިކަމުގައި ވަގުތު ބޭކާރުކުރުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން. ވެރިކަމުގެ ނިޒާމުގައިވާ ބައެއް ކަންކަން އިސްލާހުކުރުމަށް މިކުރެވޭ މަސައްކަތް މުހިންމުވަނީ މި ދެންނެވި ސަބަބާ ހުރެ،“ މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ ހަމައެކަނި އިދާރީ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަގުލަބިއްޔަތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ހޮވާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ރަނގަޅަށް ނުފެށެނީސް، އުމުރު ހަމަވާ މަޖިލީހަކުން ނިންމަވާ ނިންމެވުންތަކެއްގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްކުރަން އޮތް ވަގުތު ބޭކާރުވެދިޔަ ނުދިނުމަށް ނިންމަވަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު ސަރުކާރުން ކުރަން ބޭނުންވި އެތައް ކަމެއް ނުކުރެވުނީ ނިމިދިޔަ މަޖިލީހުން ސަރުކާރުގެ އެޖެންޑާއަށް ނުބައްލަވައި ފާސްކުރެއްވި ބަޖެޓެއްގެ ސަބަބުން ކަމަށާއި މި ސަރުކާރުގެ ފުރަތަމަ އަހަރު ވެރިކަން ކުރަން ޖެހުނީ ކުރީ ސަރުކާރުން ހެދި ބަޖެޓަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، އުމުރު ހަމަވާން ހަ މަހަށް ވެފައި އޮތް މަޖިލީހަކުން ފާސްކޮށްފައިވާ ބަޖެޓަކުން. އެ މަޖިލީހުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުން ހޮވި ސަރުކާރުގެ އެޖެންޑާއަކަށް ބެލުމެއް ނެތި. އެ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ އިންތިހާބަށް މަގުފަހިވާގޮތަށް. ނަތީޖާއަކީ ކަންކަން ލަސްވުން، ހިދުމަތްތަކަށް ބުރޫ އެރުން. މީގެން ގެއްލުން ލިބުނީ ރައްޔިތުންނަށް،“ މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު އިތުރަށް ވިދާޅުވީ ގެއްލިގެންދާ ކޮންމެ ވަގުތަކީ ބޯހިޔާވަހިކެމެއް ނެތި ހާލުގައި އުޅޭ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށާއި ހިދުމަތް ރަނގަޅުވުމަށް އެދޭ ރައްޔިތުމީހާއަށް ލިބިގެންދާ ނުތަވަސްކަމެއް އަދި ބަދަލަކަށް އެދިއެދި ތިބި ރައްޔިތުންގެ އުންމީދުތަކަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި ގާނޫނުއަސާސީއަށް މި ގެނެވޭ ބަދަލަކީ ރައްޔިތުންނަށް ސަރުކާރުން ޑެލިވާކޮށްދިނުމުގެ ފުރުސަތުދިނުމަށް މުހިންމު ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.