ސައިކަލު ވިއްކާ ކަމަށްބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކުންފުންޏަކާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު، އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ދައުވާކުރުމަށް ފުލުހުން ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް / ދ. ބަނޑިދޫ، އަހުމަދު އާތިފް ހަސަން (38އ) ގެ މައްޗަށެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާ ކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން 2024 ވަނަ އަަހަރުގެ އޯގަސްޓް 8 ގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.
އެ މައްސަލައިގައި ޖުމުލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށާއި އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 (7.1 މިލިއަން) ރުފިޔާ އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ތަހުގީގަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާ އިރު، މިހާރު އެ މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައި ކަމަށެވެ.



