ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި 

ހިޔާ ފްލެޓުތައް -- ހަފްތާ ފޮޓޯ

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފްލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރައްވައި، މިމަހުގެ 26 ގައި ފުލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އަންނަ ބުދަ ދުވަހުން ފެށިގެން 2028 ވަނަ އަަހަރުގެ މާޗް 1 ގެ ނިޔަލަށް، ދެ އަހަރުގެ މުއްދަތަކަށް ކުލި ދެއްކުން މެދުކަނޑާލެވޭނެ ކަމަށެވެ. އޭގެ އިތުރުން ޑިސްކައުންޓުން ނުދެވިވާ އަދަދާއި ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދެއްކިވާ އަދަދުގެ ތަފްސީލުތައް ވެސް ސިޓީގައި ވަނީ ހިމަނައިފައެވެ.

އެ ސިޓީގައި ވަނީ، ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ދޭން ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުން މިހާތަނަށް ނުދެވިވާ ފުލެޓުގެ ކުލީގެ ގޮތުގައި (މެނޭޖްމަންޓު ފީ ނުހިމަނައި) ދައްކަން ޖެހި ނުދެއްކިވާ އަދަދު އުނިކުރެވިގެންދާނެ ކަމަށެވެ.

ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދެއްކިވާ އަދަދު އުނިކުރުމަށްފަހު ބާކީވާ ނަމަ، ނުވަތަ ފްލެޓުގެ ކުލީގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށްލާ ބައި (މަހަކު 5300 ރުފިޔާގެ ރޭޓުން) ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް އަންނަ ބުދަ ދުވަހުން ފެށިގެން މެނޭޖްމަންޓު ފީ ގަވާއިދުން ދައްކަން ޖެހޭނެ ކަމަށް ސިޓީގައިވެއެވެ.

ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުދީ ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓުގެ އަގު ދައްކައި ހަލާސްކުރެވެންދެން، ފްލެޓުގެ މަހު ކުއްޔަކީ 5300 ރުފިޔާ ކަމަށް ކަނޑައަޅާފައިވާނެ ކަމަށް ސިޓީގައިވެއެވެ. ނަމަވެސް އޭގެ ތެރޭގައި މެނޭޖްމަންޓު ފީއެއް ނުހިމެނެއެވެ.

އެ ސިޓީގައި ވަނީ، އެ ބަދަލާ ގުޅިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.