އަޝްފާގުގެ ތަޖުރިބާއާއެކު ފަހުވަގުތު ޓިމޮ ލެސްޓޭ އަތުން ރާއްޖެއަށް މޮޅެއް 

އޭޝިއަން ކަޕްގެ ކޮލިފައިންގައި ޓިމޮ ލެސްޓޭ ކޮޅަށް ގޯލު ޖެހުމަށްފަހު ފާސިރު އުފާފާޅުކުރަނީ -- ފޮޓޯ: ސިޑިބަރި

އޭޝިއަން ކަޕްގެ ކޮލިފައިންގެ ފަހު މެޗުގައި ޓިމޮ ލެސްޓޭ އަތުން ފަހަތުން އަރައި ރާއްޖެ މޮޅުވެފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ”ގްރޫޕު އޭ“ގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި އަމިއްލަ ދަނޑުގައި ޓިމޮ ލެސްޓޭ އަތުން ރާއްޖެ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތް އިރުވެސް، ރާއްޖެ އޮތީ ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ރަނގަަޅު ކުޅުމެއް ދައްކައި ފުރުސަތުތަކެއް ވެސް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ)އަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އަހުމަދު އައިހަމް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ  ފޭދޫ އިއްބެ ބޮލުން ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވާން ދަނިކޮށް، ޓިމޯ ލެސްޓޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

އޭގެ ހަ މިނެޓު ފަހުން ރާއްޖެއަށް އިތުރު ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ނާއިޒް ހަސަން ދާދު ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް ޓިމޮ ލެސްޓޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ޓިމޮ ލެސްޓޭއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކި ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓިމޮ ލެސްޓޭގެ ކުޅުން މުޅިން ތަފާތުކޮށް ފެނިގެންދިޔަ އިރު، އެޓޭކުގައި ވެސް އެޓީމުން ދިޔައީ ނުރައްކާކުރަމުންނެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ޓިމޮ ލެސްޓޭއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޓިމޮ ލެސްޓޭގެ ޒިޔޮން ޕިލީނިއޯ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

އޭގެ ހަތް މިނެޓު ފަހުން ޓިމޮ ލެސްޓޭ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރާއްޖެއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކައުންޓާ އެޓޭކެއްގައި ކުރިއަށްޖެހި، ކެޕްޓަން ޖޯ ދަ ސިލްވާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ޓިމޮ ލެސްޓޭއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސެންޑްރޯ ބަހީތޯ ލެމޯސްއެވެ.

ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ): މިއީ ގައުމީ ޖާޒީގައި އޭނާ ކުޅުނު 99 ވަނަ މެޗު — ފޮޓޯ: އެފްއޭއެމް

މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ރާއްޖެއިން ވަނީ އެޓޭކު ވަރުގަދަކުރުމަށްޓަކައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ކުޅެން އަރުވައިފައެވެ. މިއީ ރާއްޖޭގެ ގައުމީ ޖާޒީގައި އަޝްފާގު ކުޅުނު 99 ވަނަ މެޗެވެ.

އަޝްފާގާއެކު އަލީ ފާސިރު (ސެންޓޭ) ވެސް ކުޅެން އެރުވުމުން ރާއްޖޭގެ އެޓޭކު ވަރުގަދަވެގެންދިޔަ އިރު، މެޗުގެ 89 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިރުފާން (އިރޭ) އެވެ.

މެޗުުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އަޝްފާގު ވަނީ ތަޖުރިބާގެ ބޭނުން ހިފައި، ރާއްޖެއަށް ޕެނަލްޓީއެއް ހޯދައިދީފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އަޝްފާގު ފޮނުވާލި ހަމަލާ، މަތަކުރުމުން، އެ ބޯޅަ އަލުން ހޯދުމާއެކު އަޝްފާގަށް ޓިމޮ ލެސްޓޭގެ ކީޕަރު ފައުލްކުރުމުން ރާއްޖެއަށް ވަނީ ޕެނަލްޓީ ލިބިފައެވެ. ރާއްޖެއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ރާއްޖެއަށް ލީޑު ހޯދައިދިނީ ފާސިރެވެ.