ޒިންމާދާރު ނޫން ބަޔަކަށް ސުޕަ މެޖޯރިޓީ ލިބިއްޖެއްޔާ ސަރުކާރު ޖަވާބުދާރީއެއް ނުކުރާނެ: ރައީސް 

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޒިންމާދާރު ނޫން ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިއްޖެ ނަމަ، ސަރުކާރު ޖަވާބުދާރީއެއް ނުކުރާނެ ކަމަށާއި އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ނިމުމުން މަޖިލިސް އިންތިހާބު ބާއްވައިފި ނަމަ، ސަރުކާރު ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނަ ކެންޑިޑޭޓުންނަށް އޭގެ ފައިދާކުރާނެ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ލިބިގެންދާނީ ދެ އިންތިހާބު އެއްކޮށްލައިގެން ކަމަށެވެ.

ސަރުކާރު ޖަވާބުދާރީކުރެވޭނީ ވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް ގޮސްގެން ކަމަށާއި ދެ އިންތިހާބު އެކުގައި ބާއްވާ ނަމަ، ސަރުކާރު ކެންޑިޑޭޓެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނާނެ ބޭފުޅަކު ވެސް ނޭނގޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމުން، މަޖިލީހުގައި އެކި ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ގިނަވާނެ ކަމަށާއި އޭރުން ސަރުކާރު ޖަވާބުދާރީކުރާނެ މެންބަރުން ތިބޭނެ ކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ގައުމީ ވިސްނުމުގައި ނެތް ސަރުކާރެއް އައިސްފި ކަމަށްވަންޏާާ، ނަތީޖާ ގޯސްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު އޮންނަ ގޮތުން އިންތިހާބު ބާއްވައިގެން ޒިންމާދާރު ނޫން ބަޔަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިއްޖެ ނަމަ، ސަރުކާރު ޖަވާބުދާރީއެއް ނުކުރާނެ ކަމަށާއި އަދި ހެޔޮ ވިސްނުމެއް ވެސް ނުހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސުޕަ މެޖޯރިޓީ ދޫކޮށްލަން ވެސް ތައްޔާރަށް ހުންނެވީ ގައުމީ ވިސްނުން އިސްކުރައްވާތީ ކަމަށާއި ހުރިހާ ބާރުތައް މަސްހުނިވެފައިވާ އާދަކާދަ ނައްތާލަން ޖެހޭ ކަމަށެވެ.