ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަނީ ތިން ބާރު މަސްހުނިކޮށްގެން ވެރިކަން ކުރަން ބޭނުންވާ މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމުން، މަޖިލީހުގައި އެކި ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ގިނަވާނެ ކަމަށާއި އޭރުން ސަރުކާރު ޖަވާބުދާރީކުރާނެ މެންބަރުން ތިބޭނެ ކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ގައުމީ ވިސްނުމުގައި ނެތް ސަރުކާރެއް އައިސްފި ކަމަށްވަންޏާާ، ނަތީޖާ ގޯސްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން އިންތިހާބު ބާއްވައިގެން ޒިންމާދާރު ނޫން ބަޔަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިއްޖެ ނަމަ، ސަރުކާރު ޖަވާބުދާރީއެއް ނުކުރާނެ ކަމަށާއި އަދި ހެޔޮ ވިސްނުމެއް ވެސް ނުހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަގީގީ ޑިމޮކްރަޓިކް ނިޒާމެއް ލިބެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މަޖިލިސް އިންތިހާބު މިނިވަން އަދި އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްގެން ކަމަށާއި އެކަން ކުރެވެން އޮތީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަމުންދަނީ ތިން ބާރު އެއްކޮށްގެން ތިބެން ބޭނުންވާ މީހުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެއް ބާރު އަނެއް ބާރު ތެރެއަށް ވަދެގެން ގޮސް ހުރިހާ ބާރުތަކެއް މަސްހުނިވެފައި އޮންނަ އާދަކާދަ ނައްތާލަން ޖެހޭ ކަމަށާއި ގައުމީ ވިސްނުން އިސްކުރެއްވުމަށް ސުޕަ މެޖޯރިޓީ ދޫކޮށްލެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



