އިދިކޮޅު އެމްޑީޕީން އުޅެނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ކަމަށާއި ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެއް ރަށަށް އެރޭ ގޮތް ނުވި ކަމަށް ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ދެ ރައީސުން އެކުގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ހަބަރު ދޭތެރެއަކުން އަޑު އިވުނު ނަމަވެސް، ދަތުރު ނިމޭއިރުގައި އެއް ރައީސް ހުންނަވަނީ ކުޅުދުއްފުށި ސިޓީގައި ކަމަށާއި އެހެންވީމާ އެއީ އެމްޑީޕީގެ މިވަގުތުގެ ހާލަތު ކަމަށެވެ.
”އެމްޑީޕީގައި މިއޮތީ ވަރަށް ގިނަ ފެކްޝަންތަކެއް އުފެދިފައި. އެބޭފުޅުން އެ މަސައްކަތްކުރައްވަނީ ރިޔާސީ އިންތިހާބަށް. ގާތްގަނޑަކަށް ހަތަރު ފަސް ކެންޑިޑޭޓުން އެބަ އުޅުއްވާ. އެއް ތަނުން ފެނުމަށް އެބޭފުޅުންގެ ސަޕޯޓަރުން އެދިއެދި ވެސް އެ ދެ ރައީސުން އެއް ރަށަކަށް އެރޭނެ ގޮތެއް ނުވި. ހަމަ ދެ ރައީސުން ފެންނަނީ ދެ ރަށުން. އެއް ރައީސް ކުޅުދުއްފުށީގައި ހުރިއްޔާ، އަނެއް ރައީސް ފެންނަނީ އައްޑޫން،“ އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީން މިހާރު އުޅެނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފާސްވެ، މި ގައުމަށް ރަނގަޅު ގޮތް ވެދާނެތީ ކަމަށާއި މިހާ ހިސާބަށް އައިއިރުވެސް އެމްޑީޕީގެ ފަރާތުން މި ގައުމަށް ހެޔޮ އެއްވެސް ކަމެއް ވެފައި ނޯންނާނެ ކަމަށެވެ.
”އިގުތިސާދީގޮތުން ވެސް، އިޖުތިމާއީ ގޮތުން ވެސް، އެހެނިހެން ގޮތްގޮތުން ވެސް، އެމްޑީޕީއަށް ވެރިކަން ލިބުނު ދެ ފަހަރުވެސް ކަން ހިނގީ އެގޮތަށް. ވެރިކަމުގައި ނޯންނަ އިރުވެސް ކަން ހިނގަނީ އެގޮތަށް. ރައްޔިތުން މަޖިލިސް ލިބުނަސް ކަން ހިނގަނީ އެގޮތަށް. ރަށެއްގެ ކައުންސިލު ލިބުނަސް ކަން ހިނގަނީ އެގޮތަށް. އެހެންވީމާ މިއީ ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް ވިސްނައިވަޑައިގަންނަވަން ޖެހޭ ކަމެއް،“ އޭނާ ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ ހިޔާލު ހޯދާ ވޯޓާ ގުޅިގެން އެމްޑީޕީން ކައުންސިލު އިންތިހާބުގެ ކެމްޕޭން ވެސް ހުއްޓާލާފައިވާ ކަމަށާއި ކައުންސިލު އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް އެމްޑީޕީ މެންބަރުން މަސައްކަތްކުރާ ތަނެއް މިހާރު ނުފެންނާނެ ކަމަށެވެ. އަދި އެއްވެސް ތަނަކުން ދިދައެއް، ކުލައެއް، އެއިން މީހެއްގެ ފޮޓޯއެއް ވެސް ފެންނާނީ ވަރަށް މަދުން ކަމަށް ވިދާޅުވިއެވެ.



