ތެލުގެ ހަރަދު ކުޑަކުރުމަށް މެލޭޝިއާއިން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަދައިފި

ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މެލޭޝިއާގެ ސަރުކާރު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

މެލޭޝިއާ ސަރުކާރުން ބުނެފައިވާ ގޮތުން، ސަރުކާރު އޮފީސްތަކާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން މި މަހުގެ 15 އިން ފެށިގެން މަސައްކަތް ކުރާނީ ގޭގައި ތިބެގެންނެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވިީ މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލުމުން ކުރިމަތިވެދާނެ އިގުތިސާދީ ލޮޅުންތަކުން ގައުމު ސަލާމަތްކުރުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމުގެ ސަބަބުން، ތެލުގެ ސަބްސިޑީ ދިނުމަށް އެ ގައުމުގެ ސަރުކާރުން މަހަކު ގާތްގަނޑަކަށް ހަތަރު ބިލިއަން ރިންގިޓް ހޭދަކުރަންޖެހޭއިރު މިފަދަ ހާލަތެއްގައި ހަކަތަ އިގުތިސާދުކުރުމަކީ ގައުމުގެ މާލީ ހާލަތު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އަންވަރު ވިދާޅުވި އެވެ.

މި ނިންމުމާއެކު ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން އަމަލުކުރާނެ ތަފުސީލީ އުސޫލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނުކުރާނެ އެވެ.

ހަނގުރާމައާ ގުޅިގެން މެލޭޝިއާ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ބާއްވާ ބޮޑެތި ހަރަކާތްތަކާއި ޖާފަތްތައް ނުބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ.