އޯޓިޒަމް ހުންނަ ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އޯޓިޒަމާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ ދުވަސް، ”ވޯލްޑް އޯޓިޒަމް އެވެއާނަސް ޑޭ“ގެ މުނާސަބަތުގައި އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ މީހަކަށްވެސް އުނގެނުމާއި ކުރިއެރުމާއި މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވުމުގެ ހަމަހަމަ ފުރުސަތުތަކާއި އިހުތިރާމު ލިބެންޖެހޭނެ ކަމަށެވެ.
ގޭތެރެއިން ފެށިގެން ސްކޫލްތަކާއި މަސައްކަތުގެ މާހައުލު އަދި އާންމު ތަންތަނުގައިވެސް އެންމެން ޝާމިލުކުރުމުގެ ސަގާފަތެއް އާލާކުރުން ފެށެނީ ހޭލުންތެރިކަމާއި އޯގާތެރިކަމާއި އަދި މާނަހުރި އަމަލުތަކުން ކަމަށާއި އެއީ މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. .
ރައީސް ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ސްކޫލުތަކުގައި ހިންގާ ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ އޮނިގަނޑު ހަރުދަނާކުރުމާއި މަސައްކަތްތެރިކަމުގެ ތަމްރީނުތައް ފުޅާކުރުން ހިމެނޭ ކަމަށެވެ.
ކޮންމެ މީހަކީވެސް އިހުތިރާމާއި މަގުސަދެއް އޮތް، އަދި މުޖުތަމައުގެ ބައެއްގެ ގޮތުގައި އިހުސާސްކުރެވޭނެ ފަދަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މީހަކަށް ހެދުމަށްޓަކައި، ކަރާމާތާއި ހަމަހަމަ ފުރުސަތުތަކަށް ވަކާލާތުކުރުމުގައި ދެމިތިބުމަށް ވެސް ރައީސް ގޮވައިލެއްވިއެވެ.



