މާލެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދާއި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ، ރައްކާތެރި އަދި ފެންވަރު ރަނގަޅު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މިއީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތާ އެއްގޮތަށް، ކޮޕް 29 ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކޮށް ކާބަން ފުޓްޕްރިންޓް ދަށްކުރުމަށް އަމާޒުކޮށްގެން ތައާރަފުކުރި އިލެކްޓްރިކް ވެހިކަލް (އީވީ) ކާރުތަކެކެވެ. އެ ފްލީޓުގައި ހިމެނެނީ ދުނިޔޭގައި މަޝްހޫރު ޗަންގަން ބްރޭންޑުގެ ކާރުތަކެކެވެ.
އެ ހިދުމަތުގައި ޗަންގަން ބްރޭންޑުގެ ތިން މޮޑެލްއެއްގެ ކާރު ބޭނުންކުރާނެއެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ ސައިޒުން ކުޑަ ލުމިން މޮޑެލްގެ ކާރުތަކާއި، ގިނަ މީހުންނާއި ދާގީނާ އުފުލުމަށް ހާއްސަ އެސް އެލް 03 އަދި އެސް 7 މޮޑެލްގެ ކާރުތައް ހިމެނެއެވެ. ފުރަތަމަ މަރުހަލާގައި 150 ކާރު ވަނީ ހިދުމަތަށް ނެރެފައެވެ.

އެ ކާރުތައް ބުކްކުރުމަށް ފުރަތަމަ ބޭނުންކުރާނީ އެކަމަށް ހާއްސަކޮށްފައިވާ ވެބް އެޕްލިކޭޝަނެވެ. އެ ސިސްޓަމް މެދުވެރިކޮށް ކާރު ޓްރެކްކުރުމާއި، ކޭޝްލެސްކޮށް ފައިސާ ދެއްކުމާއި، ޑިޖިޓަލް ރަސީދު ލިބުން ފަދަ ޒަމާނީ ހިދުމަތްތައް ލިބެއެވެ.
އެމްޓީސީސީން ބުނީ ދަތުރުތަކުގެ އަގު ނަގާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުތަކާ އެއްގޮތަށް ކަމަށާއި އަދި އެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ.
އެ ހިދުމަތަށް 407 ޑްރައިވަރުން ވަނީ ނަގައިފައެވެ. ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރާ އެ ޑްރައިވަރުން ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް ހާއްސަ ތަމްރީނުތަކެއް ވަނީ ދީފައެވެ. އޭގެ އިތުރުން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކާރު ބުކްކުރުމަށް އެހީތެރިވުމުގެ ގޮތުން 1650 ގެ ނަމުގައި ހާއްސަ ހޮޓްލައިނެއްވެސް ވަނީ ގާއިމުކޮށްފައެވެ.



