މަރަކީ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހަގީގަތް ކަމަށާއި މަރަށް ރެކިގަނެވޭނެ އެކަކުވެސް ނުވާ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މަރަކީ، ދުނިޔޭގެ ލައްޒަތާއި ކެހިވެރިކަމާއި ގާފިލުކަމުން އަހަރެމެން ހޭލައްވައިލާ ކަމެއް ކަމަށާއި އެއީ ތިބާ ދެކެ ލޯބިވާ ދަރީން ތިބާއަށް މާޔޫސްކަމާ އެކު ބަލަމުންދާ ވަގުތެއް ކަމަށެވެ.
”އެއީ ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ހިތާމަކުރަމުންދާ ވަގުތެވެ. މައިންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުންދާ ވަގުތެވެ. ތިމާގެމީހުން ތިބާއަށް ޓަކައި، އަވަސް ޝިފާއަކަށް އެދި ދުޢާކުރާ ވަގުތެވެ. އެކުވެރީން ތިބާގެ ގައިގައި ފިރުމަމުންދާ ވަގުތެވެ. ސިއްހީ އެންމެހައި ވަސީލަތްތައް މެދުވެރިކޮށް ތިބާގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި މަސައްކަތްކުރެވެމުންދާ ވަގުތެވެ. ނަމަވެސް ތިބާގެ ނޭވާ ކުރުވެ، އަބަދުގެއަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހޭ ވަގުތަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތެވެ،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވާ ކަމަށާއި އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެ ކަމަށެވެ. އަދި ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުންނާ ވެސް މަރު ބައްދަލުކުރާނެ ކަމަށް ހުތުބާގައި ބުންޏެވެ.
”މަރަކީ ދިރިއުޅުމުގެ ޙަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހަގީގަތެވެ. މި ހަޔާތުގައި އަހަރެމެން ބޭނުންވީމައި ލޯމަރާލައިފައި ބޭނުންވީމައި ލޯހުޅުވައިލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް، ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ތިބާ ދުނިޔެއިން ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫނެވެ..،“ ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ މަރު ބައްދަލުކުރުމުގެ ކުރީން އެ މަރަށް ތައްޔާރުވާން ޖެހޭ ކަމަށާއި ހެޔޮ އަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރަން ޖެހޭ ކަމަށެވެ.



