މާލެ ސިޓީ ކައުންސިލުގެ ބޮޑު މެޖޯރިޓީއަކާއެކު ކަމެއް ނުކޮށްދޭ ބަޔަކު ދެން ވެސް ނުކުރާނެ ކަމަށާއި ރައްޔިތުން މޮޔައެއް ނުހެއްދޭނެ ކަމަށް މާލޭގެ މޭޔަރު އަދި ކުރިއަށްއޮތް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އަލުން މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމުމަށް ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މިދިޔަ ދެ އަހަރު ދުވަހު އޭނާ މަސައްކަތްކުރެއްވީ ބޮޑެތި ގޮންޖެހުންތަކާއި އުނދަގޫތަކުގެ ތެރޭގައި ކަމަށާއި ނަމަވެސް އެއްވެސް އިރަކު މަސައްކަތުން ރެކުމަށް އުޒުރެއް ދައްކަވާފައި ނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި ސަރުކާރުގެ ފުރިހަމަ ބާރާއި ކައުންސިލްގެ 17 ގޮނޑީގެ ތެރެއިން 14 ގޮނޑި އޮވެމެ، ރައްޔިތުންނަށް މިހާތަނަށް ނުކޮށްދިން ކަމެއް ދެން އިތުރަކަށް ވެސް ނުކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުން ދޭނީ އަމާނާތްތެރި ހިދުމަތެއް ކަމަށާއި ބާރުތައް މުށްބާރުކޮށްގެން ތިބެ ރައްޔިތުންނަށް ހިދުމަތް ނުދޭ ބަޔަކަށް ދެންވެސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
އެ ޖަލްސާގައި ބައިވެރިވެވަޑައިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އާޒިމްގެ ހީވާގިކަމާއި ގާބިލުކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. ރައީސް ސޯލިހު ވިދާޅުވީ މާލޭ ސިޓީގެ ތަރައްގީއަށްޓަކައި އާޒިމް ފަދަ އިހުލާސްތެރި، މަސައްކަތްތެރި ބޭފުޅަކު ނުލިބޭނެ ކަމަށެވެ.
އެހެންކަމުން މާދަމާ ބާއްވާ އިންތިހާބުގައި، މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އާޒިމާއި ”ތިލަފަތަށް“ ވޯޓު ދީގެން ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށް ރައީސް ސޯލިހު ވަނީ އިލްތިމާސްކުރައްވައިފައެވެ.



