ސަރުކާރު ހިންގާ ޕީއެންސީއަށް ދޭ ވޯޓަކީ ބޭކާރުވެގެންދާނެ ވޯޓަކަށް ނުވާނެ ކަމަށާއި ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކެމްޕޭން ނިންމައިލުމަށް މިއަދު ހަވީރު ބޭއްވި ހިނގާލުމަށްފަހު ރަސްފަންނު ސަރަހައްދުގައި އާންމުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީއަކީ ގައުމީ ފިކުރުގެ ޕާޓީ ކަމަށާއި މިހާތަނަށް ހުރިހާ ނިންމުމެއް ނިންމާފައިވާނީ ވެސް ގައުމީ ވިސްނުން އިސްކޮށްގެން ކަމަށެވެ.
ޕީއެންސީއަށް ދޭ ވޯޓު ބޭކާރުވެގެން ނުދާނެ ކަމަށާއި ޕީއެންސީއަށް ދޭ ވޯޓާއެކު ރައްޔިތުންނަށް މާޔޫސްކަމެއް ނާންނާނެ ކަމަށެވެ. އަދި ތަރައްގީއާއެކު ސަރުކާރުން ރައްޔިތުންނަށް ފުރިހަމަ ނަތީޖާ ނެރެދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ނަގާފައިވާ ބޮންޑަށް 524 މިލިއަން ޑޮލަރު އިއްޔެ ދައްކައި ހަލާސްކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މި ގައުމު އޮތީ ދަރަަނީގެ ދުންފަތްމަތީގައި ކަމަށާއި އެ މަނިކުފާނަކީ ހުސް ވާހަކަދައްކަވާނެ މީހަކަށް ނުވާތީ، އިއްޔެ ވެސް އެވަނީ ނަތީޖާ ނެރެދެއްވާފައި ކަމަށެވެ.
މާދަމާގެ ވޯޓަށް ކުރިމަތިލަނީ ސަރުކާރުން ކުރި އިހުލާސްތެރި މަސައްކަތްތަކަށްފަހު ކަމަށާއި ކައުންސިލުތަކަކީ ވެރިކަން ކުރާ ބާރުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށްވާތީ، ސަރުކާރަށް އެއްބާރުލުންދޭނެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެކުގައި ބޭއްވުމާ ދެކޮޅަށް ވާހަކަދައްކާ މީހުން ދައްކާ ވާހަކައިގައި އެއްވެސް އަސާސެއް ނެތްކަން ވިސްނައިފި ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށާއި ކޮރަޕްޝަން ނައްތާލުމަށާއި ޑިމޮކްރެޓިކް ނިޒާމް ހަރުދަނާކުރުމަށް ދެ އިންތިހާބު އެއްކޮށްލުމަށް ތާއީދުކުރަން ޖެހޭ ކަމަށެވެ.



