މާދަމާގެ އިންތިހާބުތަކުގައި ތިން ވޯޓު ކަރުދާސްކޮޅެއް ދޭނެ ކަމަށާއި ނަމަވެސް ލާން ބޭނުންނުވާ ނަމަ، އެމީހަކަށް އެ ވޯޓު ކަރުދާސްކޮޅެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މާދަމާ ބާއްވާ އިންތިހާބުތަކާ ގުޅިގެން އީސީ އާއި ފުލުހުން ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެއީ އަލަށް ކުރާ ކަމެއް ނޫން ކަމަށާއި މީގެ ކުރިން 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް އެމީހަކު ބޭނުންނުވާ ވޯޓު ކަރުދާސްކޮޅެއް އެމީހަކަށް ދީފައިނުވާ ކަމަށެވެ.
އެ ކަރުދާސްކޮޅު އޭނާ ބޭނުންނުވާ ކަމަށްވަންޏާ ނުދޭނެ ކަމަށާއި ވޯޓު ކަރުދާސްކޮޅު ބޭނުންނުވެގެން ނުދޭ ނަމަ، އެމީހެއްގެ ނަމާއެކު ވޯޓުލާ މަރުކަޒު ތެރޭގައި އިއުލާންކުރާނެ ކަމަށެވެ. ވޯޓުލާ މަރުކަޒުގައި އިއުލާންކުރުމަށްފަހު، ހާދިސާ ރިޕޯޓުގައި ވެސް އެކަން ފާހަގަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ ގިނަ ދާއިރާތަކެއްގެ އެކި ވޯޓު ކަރުދާސްކޮޅުތައް ގެންގުޅޭތީ، ނުބައި ވޯޓު ކަރުދާސްކޮޅެއް ދެވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެހެންކަމުން ވޯޓުލާން ދާ މީހާ ވެސް، އެމީހަކަށް ލިބިފައިވާ ވޯޓު ކަރުދާސްކޮޅަކީ ރަނގަޅު ކަރުދާސްކޮޅުކަން ކަށަވަރުކުރަންވާނެ ކަމަށެވެ.
މާދަމާ އެކުއެކީގައި ތިން އިންތިހާބެއް ކުރިއަށްދާނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓެވެ.
އެ އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.



