އަމިއްލަ ގައުމުގެ އެތައް ސަޕޯޓަރުންގެ ކުރިމަތީގައި އިންޑިއާ ބަލިކޮށް، ބަންގުލަދޭޝް އިން 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ވަގުތު ހަމަވި އިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީގައި އިންޑިއާގެ މައްޗަށް ބަންގުލަދޭޝް އިން ކުރި ހޯދީ 3-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ނުރައްކާކޮށް ފެނުނީ ބަންގުލަދޭޝް އެވެ. އެގޮތުން ބަންގުލަދޭޝްގެ ރޮނަން ބެންޖަމިން ސުލިވަންއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އެ ހަމަލާ، އިންޑިއާގެ ކީޕަރު ސޫރަޖް ސިންހް އަހޭބަމް ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ ބަންގުލަދޭޝްގެ ރޮނަން ބެންޖަމިން ސުލިވަންއަށެވެ. ރޮނަން ފޮނުވާލި އެ ހަމަލާ ވެސް އިންޑިއާގެ ކީޕަރު ސޫރަޖް ވަނީ މަތަކޮށްފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ބަންގުލަދޭޝްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުރްސިދު އަލީ، ޗަންދަން ރޯއީ، އަބްދުލް ރިޔާޒް ފަހީމް އަދި ރޮނަންއެވެ. އެޓީމަށް ނާކާމިޔާބުވީ ސަމިއުލް ރަކްސަމް ފޮނުވާލި ޕެނަލްޓީއެވެ.
އިންޑިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އެމްޑީ އަރްބާޝް، އަހޮންގްޝަންބަން އަދި ވިޝާލް ޔާދެވްއެވެ. އިންޑިއާއަށް ނާކާމިޔާބުވީ ނިންގްތޯހޮންޖަމް ރިޝީ ސިންހް އާއި ޑޯޑުމް ފޮނުވާލި ޕެނަލްޓީއެވެ.
އެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ދެ ކުޅުންތެރިޔަކު ވަނީ ރަން ބޫޓު ހޯދައިފައެވެ. އެއީ ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާނާއި އިންޑިއާގެ ޑޯޑުމްއެވެ. އެ ދެ ކުޅުންތެރިން ވެސް މުބާރާތުގައި ވަނީ ތިން ގޯލު ކާމިޔާބުކޮށްފައެވެ.
ރާއްޖެއަށް ވަނީ އެ މުބާރާތުގެ ފެއާޕްލޭ މަގާމު ލިބިފައެވެ. ދެ ޕޮއިންޓާއެކު ”ގްރޫޕު އޭ“ގެ ފުލުގައި އޮތުމުން، ރާއްޖެއަށް ގްރޫޕު ސްޓޭޖާ ހަމައިން ވަނީ މުބާރާތް ނިމިފައެވެ.



