ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ގޮތެއް ނިންމުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން ފަށައިފި އެވެ.
ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު އަށެއް ޖެހިއިރު އެވެ. ވޯޓުލުން މިއަދު ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށްދާނެ އެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 1,593 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ 1,368 ކެންޑިޑޭޓުންނެވެ.
ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެ ޕާޓީން އެކަނިވެސް 1,322 ކެންޑިޑޭޓުން ވާދަކުރެ އެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން 905 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އެމްޑީއޭ އިން 57, ޖުމްހޫރީ ޕާޓީން 15, އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ދެ އިންތިހާބުގައި 645 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، ތިން އިންތިހާބުގައި ވޯޓުލުމަށް 588 ފޮށި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލޭގައި 180 ފޮށި, ހުޅުމާލޭގައި 51 ފޮށި, ވިލިމާލޭގައި ނުވަ ފޮއްޓެވެ. އަދި ރަށްރަށުގައި 322 ފޮށި ބަހައްޓާފައިވާއިރު, ރިސޯޓްތަކުގައި 21 ފޮށި އަދި ޖަލުތަކުގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.



