ރައީސް ވޯޓު ލައްވައިފި، އެދިވަޑައިގަތީ ވޯޓުލުމުގެ ހައްގު އަދާކުރުމަށް

ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ހިޔާލު ހޯދުމުގެ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ --- ފޮޓޯ: ވަން

މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި އެވެ

ރައީސް ވޯޓުލެއްވުމަށް ފަހު ތާޖުއްދީން ސްކޫލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރުމަށް ހުރިހާ ރައްޔިތުން ވެސް ވޯޓުލާން ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

”ހުރިހާ ރައްޔިތުންގެ އަސާސީ ގާނޫނީ ހައްގެއް ވޯޓުލުމަކީ. އެހެންވީމަ ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރުމަށް ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން،“ ރައީސް ވިދާޅުވި އެވެ.

ތިން އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު އަށެއް ޖެހި އިރު ފަށަން އޮތް ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ހުރިހާ ފޮއްޓެއްގައި ވޯޓުލުން ފެށުނީ ހެނދުނު 9:30 އެހާކަންހާއިރެވެ.

މިއަދު ހަވީރު ހަތަރެއް ޖަހަންދެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 1,593 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ 1,368 ކެންޑިޑޭޓުންނެވެ.

ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެ ޕާޓީން އެކަނިވެސް 1,322 ކެންޑިޑޭޓުން ވާދަކުރެ އެވެ. ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ސަރުކާރާ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން 905 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އެމްޑީއޭ އިން 57, ޖުމްހޫރީ ޕާޓީން 15, އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ދެ އިންތިހާބުގައި 645 ކެންޑިޑޭޓުން ވާދަކުރެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، ތިން އިންތިހާބުގައި ވޯޓުލުމަށް 588 ފޮށި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލޭގައި 180 ފޮށި, ހުޅުމާލޭގައި 51 ފޮށި, ވިލިމާލޭގައި ނުވަ ފޮއްޓެވެ. އަދި ރަށްރަށުގައި 322 ފޮށި ބަހައްޓާފައިވާއިރު, ރިސޯޓްތަކުގައި 21 ފޮށި އަދި ޖަލުތަކުގައި ފަސް ފޮށި ބަހައްޓާފައިވެ އެވެ.