މިއަދު ކުރިއަށް ދަމުންދާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އަހާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް 62،000 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން މިއަދު ބުނީ, މެންދުރު 12:00 އާ ހަމައަށް ޖުމުލަ 62,083 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އެއީ މިއަދު ބާއްވާ ތިން އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 21.05 ޕަސެންޓެވެ.
ވޯޓު ލީ މީހުންގެ ތެރޭގައި ހިމެނެނީ 28,838 އަންހެނުންނާއި 33,245 ފިރިހެނުންނެވެ.
މިއަދު ބާއްވާ ތިން އިންތިހާބުގައި 294,876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އެއީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ. އެހެންކަމުން މިއަދުގެ އިންތިހާބުގައި އަދި 79 ޕަސެންޓް މީހުން ވޯޓުލާފައެއް ނުވެ އެވެ.



