މިއަދުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެންމެ ވާދަވެރިކޮށްދިޔަ ތިނަދޫ ސިޓީގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސައުދު އަލީ ކާމިޔާބު ކުރައްވާފައިވާކަން ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ސައުދުއަކީ މިހާރުވެސް އެ ސިޓީގެ މޭޔަރެވެ. އޭނާ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަޖީބް އެވެ.
ތިނަދޫ ސިޓީގެ މޭޔަރުގެ މަގާމު އެމްޑީޕީގެ ސައުދު ކާމިޔާބު ކުރެއްވުމާއެކު އެމްޑީޕީން މިހާރު ވަނީ ހުރިހާ ސިޓީއެއްގެ މޭޔަރުގެ މަގާމު ކާމިޔާބު ކުރައްވައިފަ އެވެ.
އެގޮތުން މާލޭގެ މޭޔަރުގެ ގޮނޑި މިހާރުވެސް މޭޔަރުކަން ކުރައްވަމުން ގެންދަވާ އާދަމް އާޒިމް ކާމިޔާބުކުރެއްވި އިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން ފުވައްމުލައް ސިޓީގެ މޭޔަރުގެ މަގާމު ކާމިޔާބު ކުރެއްވީ އެ ސިޓީގެ މިހާރުވެސް މޭޔަރު އިސްމާއިލް ރަފީއު އެވެ.
އައްޑޫ ސިޓީގެ މޭޔަރުކަން އެ ސިޓީގެ މިހާރުވެސް މޭޔަރު އަލީ ނިޒާރު ކާމިޔާބު ކުރެއްވި އިރު، ކުޅުދުއްފުށި ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވީ އެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުވެސް ހުންނެވި މުހައްމަދު އާތިފް އެވެ.



