މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާގައި އެމްޑީޕީން ސަރުކާރު ބޮޑުތަނުން ބަލިކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ތިން އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މިއަދު ނެގި ވޯޓުގައި އެމްޑީޕީން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށް ކާމިޔާބީ ހޯދާފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ ސިޓީއަކުންނާއި ގިނަ ރަށްރަށުން އަދި ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ވެސް ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.
ނަޝީދުގެ ޕޯސްޓުގައި ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ
މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގިނަ ރައްޔިތުން ދެކޮޅު ކަން ވަގުތީ ނަތީޖާއިން ދައްކަ އެވެ. އެގޮތުން މިހާތަނަށް ގުނާފައިވާ ވޯޓުގެ ތެރެއިން 71 ޕަސެންޓް މީހުން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބުނެފައިވަނީ ނޫނެކެވެ.
އޭގެ އިތުރުން މާލެ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި އާއި އެ ސިޓީތަކުގެ މެޖޯރިޓީވެސް ހޯދާފައިވަނީ އެމްޑީޕީންނެވެ.



