ބޮޑު ނާކާމިޔާބީއަށްފަހު ރައީސް: ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ރަނގަޅުކުރާނަން!

2 މާރިޗު 2026 - ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ތިން އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.

އިންތިހާބުތަކާ ގުޅޭ ގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އިހުތިރާމާ އެކު ބަލައިގަންނަން ކަމަށެވެ. އަދި އިންތިހާބުތައް ކާމިޔާބު ކުރެެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ތަހުނިޔާ ވިދާޅުވި އެވެ.

”ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،“ ރައީސް ވިދާޅުވި އެވެ.

މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގިނަ ރައްޔިތުން ދެކޮޅު ކަން ވަގުތީ ނަތީޖާއިން ދައްކަ އެވެ. އެގޮތުން މިހާތަނަށް ގުނާފައިވާ ވޯޓުގެ ތެރެއިން 71 ޕަސެންޓް މީހުން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބުނެފައިވަނީ ނޫނެކެވެ.

އޭގެ އިތުރުން މާލެ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި އާއި އެ ސިޓީތަކުގެ މެޖޯރިޓީވެސް ހޯދާފައިވަނީ އެމްޑީޕީންނެވެ.