ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި  

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ތިންވަނަ ބުރަށް ކުރިމަތިލުމަށް ޑިފެންސް މިނިސްޓްރީން މިދިޔަ މަހުގެ 10 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވާނީ މިއަދަށެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ވަތަނީ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު applyfor.mns@defence.gov.mv އަށް އީމެއިލުން ނުވަތަ ބަންދު ނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ފޯމު ހުށަހަޅަން ޖެހެއެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް ކުރިމަތިލެވޭނެއެވެ. އުމުރުން 18 އަހަރު ނުވާ ކުއްޖަކު ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިވާން ބޭނުންވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާއަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް ނަމަ ބައިވެރިވެވޭނެއެވެ.