ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު މިއަދު ވަކިކޮށްފި އެވެ.
އޭނާ ވަކިކުރި ކަމަށް ޕީސީބީން އިއުލާން ކުރި ނަމަވެސް ވަކިކުރި ސަބަބެއް ނުބުނެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު އަދި މާލީ ދަތިކަން އެންމެ ބޮޑު ކުންފުނީގެ އެމްޑީގެ މަގާމަށް ނަޖާހު އައްޔަންކުރީ 23 ޑިސެންބަރު 2024 ގައެވެ. އޭނާއަކީ މި ސަރުކާރުގައި ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރި ދެވަނަ ބޭފުޅެވެ.
މި ސަރުކާރުގައި ފުރަތަމަ ފެނަކައިގެ އެމްޑީގެ މަގާމަށް އައްޔަންކުރީ މުއާޒު މުހައްމަދު ރަޝީދެވެ. އޭނާ އިސްތިއުފާ ދެއްވީ ފެނަކައިގެ މާލީ ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރަން ހުރަސްތަކެއް ހުރުމުން ކަމަށް ބުނެ އެވެ.
ފެނަކައިގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކުރި އިރު، މި ސަރުކާރު ވެރިކަމަށް އައި ފަހުން، ފ. ފީއަލީ އިން ފެނަކަ އަށް ނަގާފައި ވަނީ އެންމެ 10 މުވައްޒަފުން ކަމަށް ވިދާޅުވެ ސައްހަ ނޫން މައުލޫމާތެއް ދެވިފައިވާ ނަމަ އެކަން ބަލާނެ ކަމަށާއި އެ މައުލޫމާތަކީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ދެއްވި މައުލޫމާތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.



