އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ރިޝްވާން މަގާމުން އިސްތިއުފާދީފި 

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން -- ފޮޓޯ: އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިރޭ ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ. ހަބަރުގެ، މުހައްމަދު ރިޝްވާން، މިއަދު އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ރިޝްވާން އައްޔަންކޮށްފައިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން ވަކިކުރުމާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާއެކު ސަރުކާރުގެ އެކި މަގާމުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދި އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ މަގާމުން ވަކިކޮށްފައެވެ.