ރައްޔިތުން ދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އެމްޑީޕީގެ ޒިންމާއެއް: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ---

ނިމިދިޔަ އިންތިހާބުގައި ރައްޔިތުން އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެމްޑީޕީއާ ދޭތެރޭ އަދިވެސް އުންމީދެއް އޮތުމުން ކަމަށާއި އެ އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އެމްޑީޕީގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ، ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީ އަދި ރައްޔިތުންގެ ހިޔާލު ހޯދަން ނެގި ވޯޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވާހަކަދައްކަން ފުރުސަތު ނުދެއްވުމުން އެމްޑީޕީގެ އެތެރެ އަނެއްކާވެސް ހޫނުވެފައި ވަނިކޮށެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށެވެ. އަދި އެ މަސައްކަތުގައި ޕާޓީގެ މެންބަރުން ދެއްކެވީ އާދަޔާ ހިލާފު ގަދަ ހިތްވަރެއް ކަމަށާއި އެމްޑީޕީގެ މެންބަރުންގެ އިތުރުން އެތަކެއް އާންމު ރައްޔިތުންނެއް ވެސް ސާބިތުކޮށްދެއްވީ ގާނޫނުއަސާސީގެ ހިމާޔަތުގައި، ޑިމޮކްރަސީގެ ދިފާއުގައި ދިވެހިން ތިބޭނެކަން ކަމަށް ވިދާޅުވި އެވެ.

”މުއިއްޒުއަށް ބޮޑުތަނުން ނޫނެކޭ ބުނެ މިފަހަރުގެ ވޯޓުގައި ރައްޔިތުން އެމްޑީޕީއާ ކައުންސިލްތައް ހަވާލުކުރީ އެމްޑީޕީއާ ދޭތެރޭ އަދިވެސް އުންމީދެއް އޮތަތީ. ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން ތިބީ ނުރުހިފައި. މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް. ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ އެމްޑީޕީއާ. މިފަހަރު ރައްޔިތުންދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް،“ ފައްޔާޒު ވިދާޅުވި އެވެ.