ހިޔާލުތަފާތުވުންތައް ދޫކޮށްލައި، ރައްޔިތުންނާ ގުޅިގެން ސަރުކާރު ބަދަލުކުރުމަށް އެކަތިގަނޑެއްގެ ގޮތުގައި ތިބެ އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ މި ކާމިޔާބަކީ ހިތްވަރުގަދަ މެންބަރުންގެ މަސައްކަތުން ހޯދުނު ކާމިޔާބީއެއް ކަމަށެވެ.
އެކަތިގަނޑެއްގެ ގޮތުގައި ތިބެ ފެށި މަސައްކަތް ނިންމާލުމަށް އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި މަސައްކަތްކުރަންވީ ސަރުކާރު ބަދަލުކުރަން ކަމަށެވެ. އަދި ހިޔާލު ތަފާތުވުންތައް ދޫކޮށްލަން ޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުން އެދެނީ ފަހަތަށް ނުޖެހި އެމްޑީޕީގެ މަސައްކަތުގެ ކުރިއަށްދާން ކަމަށާއި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނުމުން، ގާނުނުއަސާސީގެ ހިމާޔަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ރައްޔިތުންނާއެކު ނުކުންނަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ މަސައްކަތަކަށްވާންވީ ސަރުކާރު ބަލިކޮށް، ގައުމު ހަމަމަގަށް އެޅުވުން ކަމަށާއި ރައްޔިތުން އެދުނު ގޮތަށް ގާނޫނުއަސާސީގެ ހިމާޔަތުގައި ތެދުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



