ޕީޖީ އޮފީހުން ހަރަދު ކުޑަކުރުމަށް ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރަނީ

ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް -- ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތް ކުރާގޮތަށް ބަދަލުކޮށްފިއެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިގުތިސޯދީ މައްސަލަތަކާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެ އޮފީހުންވެސް ނިންމާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޕީޖީ އޮފީހުން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުުގެ ތެރޭގައި ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާއި، ރަސްމީ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުމާއި އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެއެވެ.

ޕީޖީ އޮފީހުން ބުނީ ކޮންމެ އަންގާރަ ދުވަހަކު މުވައްޒަފުން އާންމު އުސޫލެއްގެ ގޮތުން ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަމަށާއި ކޯޓު އަޑުއެހުންތަކަށް ވެސް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށެވެ. އަދި ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެ ކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށްގެންދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 2:00 ގެ ފަހުން ގޭގައި ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި ޕީޖީ އޮފީސް ބަންދުކުރާ ގަޑި ހަވީރު 6:00 އަށް އަވަސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ޕީޖީން އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓާ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި އަޅާ ފިޔަވަޅެއްގެ ގޮތުން ގެންނަ ބަދަލުތަކުގެ ސަބަބުން އާންމުންނަށް ނުވަތަ އިދާރާތަކަށްދޭ ހިދުމަތްތަކަށް އެއްވެސް އުނިކަމެއް ނުވަތަ ލަސްކަމެއް ނާންނާނެކަމުގެ ޔަގީންކަން ވެސް ޕީޖީ އޮފީހުން ވަނީ ދީފައެވެ.