ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރަން އެމްޕީއެލްގެ މަސައްކަތު ވަގުތު ކުރުކޮށް އިތުރު ފިޔަވަޅުތަކެއް

ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން އެމްޕީއެލްގެ އިދާރީ މުވައްޒަފުން މަސައްކަތްކުރާ ވަގުތު ކުރުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ.

އެމްޕީއެލް އިން މިއަދު ބުނީ، މި ފިޔަވަޅުތަކަކީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ ރިސްކުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށެވެ. އެގޮތުން އެމްޕީއެލް އިން އެޅި ފިޔަވަޅުތައް:

  • ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ހެނދުނު 7:30 އިން މެންދުރުފަހު 14:00 އަށް ކަނޑައެޅުން. ކުރިން އެ މުވައްޒަފުން ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 7:30 އިން 15:30 އަށް
  • އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑިވެސް ދުވާލަކު 8 ގަޑިއިރަށްވުރެ އިތުރުނުކުރުން. ނަމަވެސް މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ
  • ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށްގެންދާ ހުރިހާ ތަމްރީނު ޕްރޮގްރާމްތަކެއް މެދުކަނޑާލުން
  • މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް އޮންލައިންކޮށް ފޯރުކޮށްދިނުން
  • ބޮޑެތި ހަރަކާތްތަކުގެ ތެރެއިން ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026“ ފަސްކުރުން