”އޮޕަރޭޝަން އަލިމަގު“ގެ ދަށުން ގއ. ވިލިނގިލީގެ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ހަތަރު މީހުންގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންގެ ދަށުން މިދިޔަ ޖެނުއަރީ 11 ގައި މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ، ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާހް ލަތީފް (28އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަހުމަދު މަދީހު (33އ)، އައިޒަން / ގއ. ވިލިނގިލި، އަހުމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) ގެ މައްޗަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.



