އެމްޑީޕީގެ އާންމު މެންބަރުން އެދޭ ގޮތަށް ޕާޓީގެ މުޅި ލީޑާޝިޕަށް އެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ހޯއްދެވިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސޯލިހުގެ އުފަން ރަށް, ޅ. ހިންނަވަރުގައި މިރޭ ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ, މީގެ ދެ ދުވަސް ކުރިން ޖެހުނު މައްސަަލައާ ގުޅިގެން ޕާޓީގެ ހުރިހާ ލީޑަރުން އެކަމާ މަޝްވަރާކޮށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުރިހާ ލީޑަރުން ފާއިތުވި ދުވަސްތަކުގައި ވަރަށް ދިގުކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެ މަޝްވަރާތަކުގައި އެ މަނިކުފާނުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ސޯލިހު ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް އާދެވުނު އިރުގައި އަޅުގަނޑުމެން މި ވަނީ މިކަމަށް ހައްލެއް ހޯދާފައި. އާންމު މެންބަރު އެ އެދޭ ގޮތަށް އަޅުގަނޑުމެން މުޅި ލީޑާޝިޕް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނުއިރު ހޯދިއްޖެ،“ ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, އެމްޑީޕީން ކުރިއަށްދާނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ލީޑާޝިޕް އެކީގައި އޮވެގެން ކަމަށާއި އެއްވެސް މީހަކު ބާކީނުވާ ކަހަލަ ގޮތަކަށް އިންތިޒާމު ކުރެވިގެން ކަމަށެވެ.
”އަޅުގަނޑުމެންގެ މި މަސައްކަތުގެ އަމާޒަކީ ލަސްވެގެން މާދަމާ ނޫނީވިއްޔާ މާދަމާ ރޭ މިކަމަށް ހައްލެއް ގެނެސް ޕާޓީގެ މެންބަރުން އެދޭ ގޮތަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އަމާޒު ހިފުން،“ ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ތެރޭގައި މިފަހަރު މައްސަލަ ޖެހުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އެމްޑީޕީގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުދިނުމުންނެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މަގާމުން ވަކިކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.



