މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހދ. އަތޮޅުގެ ދެބައިކުޅަ އެއްބައި ގޮނޑި އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބުކޮށްފި އެވެ.
އެ އިންތިހާބުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވެބްސައިޓަށް އަޅަމުންދާއިރު ބައެއް އަތޮޅުތަކުގެ ނަތީޖާ މިހާރު ވަނީ އެއްކޮށް އަޅައި ނިމިފަ އެވެ. އެގޮތުން ހދ. އަތޮޅު ހިމެނޭއިރު, އެ އަތޮޅުގެ 12 ރަށަކަށް ޖުމުލަ 46 ކައުންސިލަރުން ވަނީ ހޮވައިފަ އެވެ.
އީސީގެ ވެބްސައިޓުން ފެންނަން ހުރި ނަތީޖާއަށް ބަލާއިރު އެ 46 ކައުންސިލް ގޮނޑީގެ ތެރެއިން 24 ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. އެއީ މުޅި އަތޮޅުގެ 52 ޕަސެންޓެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް ހދ. އަތޮޅުން ކާމިޔާބު ކުރެވިފައިވަނީ 14 ގޮނޑި އެވެ. އެއީ 30 ޕަސެންޓެވެ.

ބާކީ ހުރި ގޮނޑިތަކުގެ ތެރެއިން ހަތް ގޮނޑި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ކާމިޔާބު ކުރި އިރު, އަދާލަތު ޕާޓީން ވަނީ އެއް ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ ހދ. މަކުނުދޫ ކައުންސިލް މެންބަރުގެ ގޮނޑިއެވެ.
އީސީގެ ނަތީޖާތައް ދައްކާ ގޮތުން ހދ. އަތޮޅުގެ 12 ރަށުގެ ތެރެއިން 7 ރަށުގެ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދައިފަ އެވެ. އެއީ ކުރިނބި, ނައިވާދޫ, ހަނިމާދޫ, ކުޅުދުއްފުށި ސިޓީ, މަކުނުދޫ އަދި ވައިކަރަދޫ އެވެ. މި ރަށްތަކުގެ ތެރެއިން ހަނިމާދޫ އާއި ވައިކަރަދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއްވެސް ހޯދީ އެމްޑީޕީންނެވެ.
ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ޕީއެންސީއަށް މެޖޯރިޓީ ހޯދުނީ 4 ރަށެއްގެ އެވެ. އެއީ ނޮޅިވަރަން, ނޭކުރެންދޫ, ކުމުންދޫ އަދި ފިނޭ އެވެ. ހދ. ނޮޅިވަރަންފަރުގެ ކައުންސިލުގެ ސުޕަ މެޖޯރިޓީ ހޯދީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ.



