އީރާނުން ސުލްހައިގެ މަޝްވަރާތަކަށް ދިޔައީ މަރުވި ކުދިންގެ ފޮޓޯއާއި ދަބަސްތަކާއެކު! 

އީރާނުން ހަމަލާގައި މަރުވި ކުދިންގެ ފޮޓޯއާއި ދަބަސްތަކާއެކު ޕާކިސްތާނުގެ އިސްލާމަބާދުގައި އެމެރިކާއާއެކު ބާއްވާ ސުލްހައިގެ މަޝްވަރާތަކަށް އީރާނުން ގޮސްފިއެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް އިސްލާމްއާބާދަށް ކުރެއްވި މި ދަތުރުފުޅުގައި، މަތިންދާބޯޓުގެ ހުސް ގޮނޑިތަކުގައި ވަނީ ހަމަލާގައި މަރުވި ކުދިންގެ ފޮޓޯތަކާއި ސްކޫލް ދަބަސްތަކުގެ އިތުރުން މާތަކެއް ބަހައްޓައިފައެވެ.

ގާލިބާފް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ”މި ދަތުރުގައި އަހަރެމެންނާއެކު އެ ކުދިން އެބަތިބި“ ކަމަށެވެ. ”މީނާބް 168“ ގެ ނަން ދީފައިވާ އެ ހަރަކާތަކީ، އެ ހަމަލާގައި މަރުވި 168 ކުދިންނާއި މުވައްޒަފުންނަށް ނިސްބަތްކޮށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމަބާދުގައި މިއަދު ފަށާ މި މަޝްވަރާތަކަކީ، ފާއިތުވި ދެ ހަފުތާގެ ވަގުތީ ސުލްހައަށްފަހު، ދާއިމީ ހައްލެއް ހޯދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތަކެކެވެ. އީރާނުގެ ވަފުދުން މަރުވި ކުދިންގެ ތަސްވީރުތައް ބޭނުންކޮށްފައިވަނީ ހަނގުރާމައިގެ ސަބަބުން ލިބުނު އިންސާނީ ގެއްލުންތައް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށެވެ.

އެމެރިކާގެ ފަރާތުން ނައިބު ރައީސް ޖޭ.ޑީ ވެންސް ބައިވެރިވެވަޑައިގަންނަވާ އިރު، އީރާނުން ބުނެފައިވަނީ އެ ގައުމުން މަޝްވަރާގެ މޭޒަށް އައީ ”ހެޔޮ ނިޔަތަކާއެކު ނަމަވެސް އެމެރިކާއަށް ކުރާ އެއްވެސް އިތުބާރެއް ނެތި“ ކަމަށެވެ.