އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރުމަށް ސަރުކާރު ހިންގާ ޕީއެންސީން 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތުކުރައްވައިފައެވެ.
ހިންނަވަރު ދާއިރާއަކީ ފާއިތުވި 30 ވަރަކަށް އަހަރު ދުވަހު އެމްޑީޕީގެ ވަރަށް ބޮޑު ތާއީދެއް އޮތް ދާއިރާއެކެވެ. ހާއްސަކޮށް، ކުރީގެ ރައީސް ސޯލިހު ވަނީ ޖެހިޖެހިގެން 25 އަހަރު ވަންދެން މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވައިފައެވެ. ނަމަވެސް، އެންމެ ފަހުން ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހްމޫދާ ވާދަކުރައްވައި، އެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހުމާނެވެ.
ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހިންނަވަރު ކައުންސިލުގެ ގޮނޑިތަކަށް ވާދަކުރި ކެންޑިޑޭޓުންގެ ކާމިޔާބީ ފާހަގަކުރުމަށް ޅ. ހިންނަވަރުގައި ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ރަށުގައި އެމްޑީޕީން ހޯދަމުންދިޔަ ކާމިޔާބީ ބަދަލުވީ މިދިޔަ މަޖިލިސް އިންތިހާބުގައި ކަމަށެވެ.
އެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރުމަށް ޕީއެންސީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓު އަދި މިހާރުގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުއްރަހުމާން ވަނީ 30 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށާއި ހިންނަވަރުގެ ގޮނޑީގައި އެވަރުގެ އަގެއް ހުރުމުން ފަހުރުވެރިވާ ކަމަށެވެ.
މިދިޔަ ކައުންސިލު އިންތިހާބުގައި ހިންނަވަރު ކައުންސިލުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ޕީއެންސީއަށް ނާކާމިޔާބީއާ ކުރިމަތިވީ ނަމަވެސް، ހިންނަވަރުގެ ކެމްޕޭންގައި އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުއްރަހުމާނާއި ހިންނަވަރަށް ނިސްބަވްވެޑައިގަންނަވާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވެސް ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ.



