އެމްޑީޕީ ހިންގުމަށް ހަ މެންބަރުންގެ ކޮމިޓީއެއް ނަގައި، ނަޝީދަށް ގައުމީ މަޖިލީހުން ފުރުސަތުދީފި

އެމްޑީޕީ ހިންގުމަށް ނެގި ހަ މެންބަރުންގެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން --

އެމްޑީޕީ ހިންގުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ވަގުތީ ކޮމިޓީއެއް އެކުލަވާލަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދިފައިވަނިކޮށް، ހަ މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވަނީ މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެ ބައްދަލުވުމުގައި ފާސްކުރި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސޯލިހާއި ނަޝީދުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) އާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލްއެވެ.

އޭގެ އިތުރުން އެމްޑީޕީގެ އެޑްވައިޒަރެއްގެ ގޮތުގައި ރައީސް ނަޝީދު ހަމަޖެއްސުމަށް ވެސް ގައުމީ މަޖިލިސް ބައްދަލުވުމުގައި މިރޭ ވަނީ ފާސްކޮށްފައެވެ. އެޑްވައިޒަރުންގެ ގޮތުގައި ނަޝީދާއި ސޯލިހު ހިމެނިވަޑައިގަންނަވާ އިރު، މިރޭގެ ނިންމުމާއެކު ނަޝީދަށް ވަނީ ގައުމީ މަޖިލީހުން ފުރުސަތު ލިބިފައެވެ.

އެމްޑީޕީގެ ތެރޭގައި އެންމެ ފަހުން ހަމަނުޖެހުން އުފެދިފައިވަނީ، މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމުން އުފެދުނު ހަމަނުޖެހުމެވެ.