ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފަށް އަލުން މަގާމުތައް ދިނުމާއެކު، އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ)ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގައިފިއެވެ.
އެމްޑީޕީގެ ތެރޭގައި އެންމެ ފަހުން ހަމަނުޖެހުން އުފެދިފައިވަނީ، މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ނަޝީދާއި ފައްޔާޒަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމުން އުފެދުނު ހަމަނުޖެހުމެވެ.
އެ ހަމަނުޖެހުމުގެ ތެރެއިން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ގަޕޯ ވަނީ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުން އިބުރޭ ވަކިކޮށް، ލީގަލް ޑިރެކްޓަރުކަމުގެ މަގާމުން މައުރޫފް ވަކިކޮށްފައެވެ. އެއާއެކު ނަޝީދުގެ ފެކްޝަންގައި ހިމެނޭ ގައުމީ މަޖިލީހުގެ 55 މެންބަރެއްގެ ސޮޔާއެކު ވަނީ ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފައެވެ.
ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް އަންނަ ހޯމަ ދުވަހު ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވަނިކޮށް، އެމްޑީޕީގެ އިސްވެރިން ވަނީ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށް މަޝްވަރާކޮށްފައެވެ. އަދި އެ މަޝްވަރާތަކުގެ ތެރޭގައި ނިންމި ނިންމުންތަކާއެކު މިރޭ ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފައެވެ.
ސިއްރުކޮށްގެން މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ގަޕޯ ވަނީ، އިބުރޭ އާއި މައުރޫފްގެ މަގާމު އިޔާދަކޮށްފައިވާކަން އިއުލާންކުރައްވައިފައެވެ. އަދި ހުށަހެޅިފައިވާ ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.
ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ބޮޑު ނިންމުންތަކެއް ވަނީ ފާސްކޮށްފައެވެ. އެގޮތުން އެމްޑީޕީ ހިންގުމަށް ހަ މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލަން ފާސްކުރިއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) އާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލްއެވެ.
އޭގެ އިތުރުން އެމްޑީޕީގެ އެޑްވައިޒަރެއްގެ ގޮތުގައި ރައީސް ނަޝީދު ހަމަޖެއްސުމަށް ވެސް ގައުމީ މަޖިލިސް ބައްދަލުވުމުގައި މިރޭ ވަނީ ފާސްކޮށްފައެވެ. އެޑްވައިޒަރުންގެ ގޮތުގައި ނަޝީދާއި ސޯލިހު ހިމެނިވަޑައިގަންނަވާ އިރު، މިރޭގެ ނިންމުމާއެކު ނަޝީދަށް ވަނީ ގައުމީ މަޖިލީހުން ފުރުސަތު ލިބިފައެވެ.



