މޮރިޝަސްއާ ޗަގޯސް ހަވާލުކުރުން މަޑުޖައްސާލުމުން ރާއްޖެއިން މަރުހަބާ ކިޔައިފި 

މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެން ދިވެހި ސަރުކާރުން މިއަދު އެ ނިންމުމަށް މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އަދި ޗާގޯސް ހަވާލުކުރުން މަޑުޖައްސާލުމަކީ ރާއްޖެއާ އެކު އަލުން މަޝްވަރާތައް ފެށުމަށް ހުޅުވޭ ދޮރެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުން ކަށަވަރުކޮށްދިނުމަށް އިނގިރޭސި ސަރުކާރަށް އެ ބަޔާނުގައި ގޮވާލައިފައިވެއެވެ.

މޮރިޝަސްއާ އެކު އިނގިރޭސި ސަރުކާރުން ވެފައިވާ އެއްބަސްވުން ގަބޫލު ނުކުރާ ކަން ދިވެހި ސަރުކާރުން ވަނީ ކުރިން ވެސް ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގައިފައެވެ. އެގޮތުން އެ އެއްބަސްވުމަށް އިއުތިރާޒުކޮށް 2024 ނޮވެމްބަރު އަދި 2026 ޖެނުއަރީގައި ރާއްޖެއިން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވައިފައެވެ.

ޗާގޯސްގެ މައްސަލައިގައި މޮރިޝަސް އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ރާއްޖެއާ އެކު ހާރިޖީ ގުޅުން ސަސްޕެންޑުކުރަން ނިންމައިފައެވެ. އެހެން ނަމަވެސް ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ޗާގޯސް ހައްގު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.