އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން، ހުޅުމާލޭގައި ހުރި އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓުމަށް މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ބުނީ، ވިނަރެސް ފްލެޓުތައް ހިމެނޭ ސްޓްރާޓާ އެކެއް، ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ޖަލްސާތަކުގެ ބޭނުމަކީ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި، އެ ކޯޕަރޭޝަންތައް ހިންގާނެ ކައުންސިލެއް އިންތިހާކުރުން ކަމަށާއި އިންތިހާބުކުރެވޭ ކައުންސިލާ އެ ސްޓްރާޓާއެއްގެ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ކޮންމެ ސްޓްރާޓާއެއްގެ ކައުންސިލްގައި ހިމެނޭނީ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އެއް އާންމު މެންބަރެވެ. ފުރަތަމަ ޖަލްސާގައި ޔުނިޓުތަކުގެ ވެރިންގެ އިތުރުން އެޗްޑީސީ އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. ފުރަތަމަ ޖަލްސާއަށްފަހު ކޮންމެ އަހަރަކު އެއް ފަހަރު ޖަލްސާ ބޭއްވުން ގާނޫނުން ލާޒިމުކުރާ އިރު، ދެވަނަ އަހަރުން ފެށިގެން ޖަލްސާ ބޭއްވުމަކީ އިންތިހާބުވާ ކައުންސިލްގެ ޒިންމާއެކެވެ.
ވިނަރެސްގެ ޓަވަރުތައް ބެހިފައިވަނީ ތިން ސްޓްރާޓާއަކަށެވެ. ސްޓްރާޓާ 1 ގައި ޓަވަރު 1 އިން 4 ހިމެނޭ އިރު، އެއީ 564 ރެސިޑެންޝަލް ޔުނިޓެވެ. ސްޓްރާޓާ 2 ގައި ޓަވަރު 5 އިން 8 ހިމެނޭ އިރު، އެއީ 492 ޔުނިޓެވެ. ސްޓްރާޓާ 3 ގައި ޓަވަރު 9 އަދި 10 ހިމެނޭ އިރު، އެއީ 288 ޔުނިޓެވެ.
އެޗްޑީސީން ބުނީ ވިނަރެސް ފްލެޓުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމާއެކު ހުޅުމާލޭގެ އިތުރު އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.



