ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ގައި ބާއްވަން ނިންމައި ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލުމަށް ނިންމައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެފައިވަނީ، ސާބިތު ދަރަންޏެއް ސާބިތުވާތީ މެމްބަރުކަމުގައި ޕީއެންސީގެ ފަރާތުން ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރުމުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، އަންނަ ޖޫން 6 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މާދަމާ ހެނދުނު 10:00 އިން ފެށިގެން، މިމަހުގެ 29 ގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށް އިއުލާނުގައިވެއެވެ.
އީސީގެ އިއުލާނުގައި ބުނީ އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މާދަމާ ހެނދުނު 10:00 އިން ފެށިގެން، މިމަހުގެ 29 ގެ މެންދުރުފަހު 3:00 ގެ ނިޔަލަށް އެ ކޮމިޝަންގެ candidacy@elections.gov.mv އީމެއިލް މެދުވެރިކޮށް ކަމަށެވެ.
އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމްބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށާއި އަދި އީސީއަށް ފޯމު ލިބުނުކަން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތުން ކަށަވަރުކުރަންވާނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ކަމަށް ވެސް އީސީން ބުންޏެވެ.
އީސީއަށް ހާޒިރުވެގެން ފޯމު ހުށަހަޅަން ޖެހެނީ ކޮމިޝަންގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ، ހިލާލީމަގު) އަށެވެ. އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ކޮމިޝަނަށް ހާޒިރުވެގެން ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު 14:00 އިން 16:00 އަށެވެ.



