މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހައުސިން މިނިސްޓްރީން އަނެއްކާވެސް އިތުރުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރިން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް ސުންގަޑި، އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. މިއީ މި ސްކީމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުތަކުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގައި މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި، އަދި މާލޭގެ ހަނި ގޯޅިތަކުން ގޯތި ދޫކޮށްލާ ފަރާތްތަކަށް 1,500 ގޯތި ހިމެނެއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން 4,000 ފްލެޓް މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައިވާ އިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހެނިހެން ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ.



