މީހަކު މަރާލި ބިދޭސީއަކު އުމުރަށް ޖަލަށް، މަރުގެ ދިޔައަށް 1.25 މިލިއަން ދައްކަން އަންގައިފި

ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓު ހުންނަ އިމާރާތް ---

މީގެ ފަސް އަހަރު ކުރިން ދޯންޏެއްގައި ހުރި ބިދޭސީ އަކަށް ހަމަލާދީ މަރާލި މައްސަލައިގައި ބިދޭސީއަކު އުމުރަށް ޖަލަށްލައި، މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވަނީ މުހައްމަދު މަސްއޫދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާއަށް އެ ދައުވާ ކުރީ 7 މާރިޗު 2021 ދުވަހު 3:45 އެހައިކަންހާއިރު، ދ. މީދޫ ”ޖިހާދު“ ދޯނީގައި މަސް ބާނަން ކ. ގުރައިދޫ މަސްބޮޔަށް ދިއުމަށް ދޯނި ދުއްވަމުން ދަނިކޮށް، އޭނާގެ އަތުގައި އޮތް ތިލައިގައި ހައެއް އިންޗި ހުރި ކަޅުކުލައިގެ މުއްގަނޑުލީ ވަޅިއަކުން އެ ދޯނީގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީންގެ ކަނާތް ފަރާތު އަރިކަށްޓަށް ހަމަލާދީ މަރާލި މައްސަލައިގައެވެ.

އެ ދައުވާއަށް މަސްއޫދު އިންކާރު ކުރި ނަމަވެސް  ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އެ ހަމަލާދިނުމުގެ ކުރިން އޭނާ އާއި ޝާހީންއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި އަދި އިރުކޮޅެއްފަހުން ޝާހީންގެ ހަޅޭއްލަވައިގަތް އަޑުއިވިގެން ބެލިއިރު އޭނާއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ހެކިން ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެވަގުތު މަސްއޫދުގެ އަތުގައި ވަޅި އޮތްއިރު އެ ވަޅިން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި އިތުރަށް ބުނީ، އެއީ މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ވަޅިއެއް ގެންގުޅެނިކޮށް ޝާހީން އޭގެ މައްޗަށް ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށް މަސްއޫދުގެ ފަރާތުން ބުނި ނަމަވެސް އޭގެ ކުރިން ދެ މީހުން ދޯނީގައި ތިބެގެން ހަމަނުޖެހުން ހިންގާފައިވުމާއި ވަޅި ހެރުމުން ޝާހީނަށް އެހީވާން މަސްއޫދު މަސައްކަތް ނުކުރުމުގެ އިތުރުން އެ ހާދިސާއަކީ ”އިންސިޑެންޓެއް“ ކަމަށް ވުމުގެ ފުރުސަތު ކުޑަ ކަމަށް ސީން ރިކޮންސްޓްރަކްޝަން ރިޕޯޓްގައި ބަޔާން ކުރާ ކަމަށެވެ. އެހެންވެ މަސްއޫދު ބުނި ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައިވަނީ ޝާހީނަށް މަސްއޫދު ވަޅިން ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. ނަމަވެސް ޝާހީންގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އެ މީހުން ބުނާތީ، އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރެއްވި އެވެ. އެ ފައިސާ ދައްކަން އެންގެވީ އެއް އަހަރު ތެރޭގަ އެވެ.

އޭގެ އިތުރުން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަހިފުމަށް ވެސް ހުކުމުގައި މަސްއޫދަށް ނަސޭހަތްތެރިވެފައިވެ އެވެ.