އެމްޑީޕީގެ ދާއިމީ ޗެއާޕާސަންގެ މަގާމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.
އެކަން އިއުލާން ކުރައްވައި އަލްހާންގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ އަލުން އަނބުރާ ޑިމޮކްރަސީގެ މަގަށް އަމާޒު ހިފަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމު ފުރުއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވަމުންނެވެ. އޭގެ ފަހުން ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެވެ.
އެމްޑީޕީގެ ދާއިމީ ޗެއާޕާސަން އިންތިހާބު ކުރާނެ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މަގާމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ނިންމަވާފައިވާކަން ވަނީ އިއުލާން ކުރައްވައިފަ އެވެ. ނަޝީދުގެ އިތުރުން ދެން އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އަލްހާންގެ ފުރަތަމަ ސިޔާސީ ޕާޓީއަކީ ޑީއާރުޕީ އެވެ. އޭގެ ފަހުން، އެމްޑީޕީއާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި ފޭދޫ ދާއިރާގެ މެމްބަރުކަން އޭނާ ހޯއްދެވި އެވެ. އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވި އެ ޕާޓީން އަލްހާން ވަކިކުރީ، ވަކި ބަޔަކު އެމްޑީޕީ ހައިޖެކްކޮށް، ޒުވާނުންނަށް ފުރުސަތު ބަންދުވެ، އިސްލާހަށް ފުރުސަތު ނެތް ކަމުގެ ފާޑުވިދާޅުވުންތައް ކުރިމަތިކުރަން ފެށުމުންނެވެ.
އޭގެ ފަހުން ޖޭޕީއާ ގުޅިވަޑައިގެން ނަމަވެސް، އޭނާ އެ ޕާޓީން ވަކިވެވަޑައިގަތީ 2021 ވަނަ އަހަރު ބޭއްވި މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމަށެވެ. ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މޭޔަރަކަށް ނުކުންނެވުމުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުންދާތީ ޕާޓީން ވަކިވެވަޑައިގެންނެވި އެވެ.
އޭގެ ފަހުން ސެޕްޓެންބަރު 2023 ގައި އަލްހާން ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ./



