ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަންހެނަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދަނީ މާލެ، މ. ނެއްލައިދޫގެ، އާއިޝަތު ޝައުފާ ޖައުފަރު (25އ) ކަމަށެވެ.

ޝައުފާ ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އޭނާ ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުގައި ވަނީ، ޝައުފާ ބަންދުގައި ބަހައްޓައިގެން މިމަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

ފުލުހުން ބުނިގޮތުގައި، އެ އަމުރާ ގުޅިގެން އޭނާ ހޯދައި ބަންދުކުރުމުގެ އަމަލީ މަސައްކަތް ފުލުހުންގެ ކަމާބެހޭ ބައިތަކުން މިހާރު ދަނީ ކުރަމުންނެވެ. އޭނާގެ މައްޗަށް ކޯޓަށް ހުށަހެޅިފައިވަނީ ކޮން ބާވަތެއްގެ މައްސަލައެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.