ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

ހުޅުމާލެ 2 ގައި ހަދާފައިވާ ހިޔާ ފްލެޓްތައް --- ހަފްތާ ފޮޓޯ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިމެނޭ ހިޔާ ޓަވަރުތަކާއި ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި، ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އިއާދަކުރުމަށްޓަކައި އެ ކުންފުނީގެ އިންޖީނޭރުން ދަނީ މައްސަލަ ދެނަގަނެ، މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ތިން ޓަވަރަކުންނާއި ވިނަރެސްގެ ދިހަ ޓަވަރުންނާއި އަމާން ދޯދީގެ ފަސް ޓަވަރަކުންނާއި އަމާން އުދަރެސްގެ ދެ ޓަވަރެއްގެ އިތުރުން އެމްޕީއެލް ޓަވަރުތަކުންނެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށާއި މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން މިމަހުގެ 12 ވަނަ ދުވަހު ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. އެ ދުވަހު އަލުން ކަރަންޓުގެ ހިދުމަތް ދެވިފައިވަނީ އަށް ގަޑިއިރު ފަހުންނެވެ.