ސުލްހައިގެ މަޝްވަރާއަކަށް އީރާނުގެ ފޮރިން މިނިސްޓަރާއި އެމެރިކާގެ ވަފުދު ޕާކިސްތާނަށް

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިޝާގް ދާރު (ވާތްފަރާތުގައި)، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އަށް މަރުހަބާ ދަންނަވަނީ.

ސުލްހައިގެ މަޝްވަރާއަކަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި އެމެރިކާގެ ވަފުދު ޕާކިސްތާނަށް ވަޑައިގަންފިއެވެ.

އަށް ހަފުތާއަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމުގެ ގޮތުން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޯފް އަދި ޖެރެޑް ކުޝްނާ ޕާކިސްތާނުގެ އިސްލާމްއާބާދަށް ވަނީ ވަޑައިގެންފައެވެ.

ޕާކިސްތާނުން މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ އިރު، އީރާނުން އަދިވެސް އެމެރިކާގެ ވަފުދާ ސީދާ ބައްދަލުކުރަން ދެކޮޅު ހަދަމުންދާތީ މަޝްވަރާތަކުގެ ކުރިމަގު އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

މިވަގުތު މަޝްވަރާތައް ހުއްޓިފައިވަނީ މައިގަނޑު ދެ ކަމަކާ ގުޅިގެންނެވެ. އެއީ އީރާނުގެ ބަނދަރުތަކަށް އެމެރިކާ އިން ކުރިމަތިކޮށްފައިވާ ނޭވަލް ބްލޮކޭޑް އުވާލުމަށް އީރާނުން އެދޭ އެދުމާއި، އީރާނުގެ ނިއުކްލިއާ ހަތިޔާރު އުފައްދާ މަރުކަޒުތައް މުޅިން ނައްތާލުމަށް އެމެރިކާ އިން ކުރާ ޝަރުތާ މެދު އެއްބަސްވުމަކަށް ނާދެވުމުންނެވެ.

މަޝްވަރާތަކުން ކުރިއެރުމެއް ލިބިއްޖެ ނަމަ، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިސްލާމްއާބާދަށް ވަޑައިގަތުމަށް ވަނީ ތައްޔާރުވެފައެވެ.