ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނަކު ބަންދު ގޮޅީގައި އޮއްވައި މަރުވެއްޖެއެވެ.

ފުލުހުންގެ ބަންދުގައި ހުއްޓައި މިމަހުގެ 15 ވަނަ ދުވަހު ވެސް މީހަކު ވަނީ މަރުވެފައެވެ. މ. ރޭއަލިވާގެއާގެ، އަހުމަދު ނަވްޝާދު (41އ) މަރުވި މައްސަލައިގައި ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފައެވެ.

މިއަދު މަރުވި މީހާއާ ގުޅޭގޮތުން ފުލުހުން ބުނީ އެ މީހާ ބަންދު ގޮޅީގައި ހަބަރު ހުސްވެފައި އޮއްވައި ފެނިގެން އިއްޔެ މެންދުރު އައިޖީއެމްއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވި މީހާއަކީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.