މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ރޭ ދިން ހަމަލާއަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، އެއީ ސަރުކާރުން ކުރި ކަމެއް ކަމަށް މޭޔަރު ވިދާޅުވެފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާ ކަމަށާއި، އެ ހަމަލާ އެމަނިކުފާނު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މޭޔަރަށް ނުވަތަ އެއްވެސް ސިޔާސީ ލީޑަރަކަށް ހަމަލާދީ އެ ބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ކޮންމެ ރައްޔިތަކަށްމެ އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މުންދު ވިދާޅުވީ، ސަރުކާރުން ދިން ހަމަލާއެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވެފައިވަނީ ކޮން ހެއްކަކާއި ގަރީނާއެއްގެ މައްޗަށް ބިނާކޮށް ކަމެއް އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވީ މި ހާދިސާ ހިނގި ފަހުން މިހާތަނަށް އެމްޑީޕީގެ ފަރާތުން ވެސް މާލެ ސިޓީ ކައުންސިލުން ވެސް އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި، އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މީސް މީޑިއާއިން ވީޑިއޯ ފެނުމާއެކު ފުލުހުން އަމިއްލަ އިސްނެންގެވުމުގެ މަތިން އެ މައްސަލަ ތަގުގީގުކުރަމުންގެންދާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ މޭޔަރަކީ ދައުލަތުގައި ހައިސިއްޔަތުގެ ތެރެއިން އެދިވަޑައިގެންފި ނަމަ ސެކިއުރިޓީ ލިބޭނެ ފަރާތެއް ކަމަށާއި، ތްރެޓް އެސެސްމަންޓަކުން ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިއްޖެ ނަމަ ފުލުހުން އިސްވެ ސެކިއުރިޓީ ހަމަޖައްސައިދޭނެ ކަމަށެވެ.









