ވައިގެ މަގުން ރާއްޖެއަށް ޑުރަގް އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ޝިފުލް ނަމަކަށް ކިޔާ މީހަކާއި އުމުރުން 32 އަހަރުގެ ސަޖިބް ނަމަކަށް ކިޔާ މީހެކެވެ. އެ ދެ މީހުންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންނެވެ.
ފުލުހުން މިއަދު ބުނީ، އެ ދެ މީހުން ހައްޔަރުކުރީ މި މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން އެ މީހުން ފާސްކުރުމުގެ ތެރޭގައި އެ މީހުންގެ އަތުން ފެނުނު ޑުރަގުގެ ވަގުތީ ބަރުދަނުގައި 1105 ގްރާމް ހުރިކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.








