އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އިބްރާހީމް ވަހީދު (އިބުރޭ) ވަކި ކެންޑިޑޭޓެއްގެ ކެމްޕެއިންގައި އަމަލީ ގޮތުން ބައިވެރިވާ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ކެމްޕެއިންގައި އިބުރޭ ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ، މީކާއިލް ވަނީ ޕާޓީގެ ޗެއާޕާސަން އަބްދުލް އަފޫރު މޫސާ (ގަޕޯ) އަށް ސިޓީއެއް ފޮނުއްވައިފައެވެ.
ޗެއާޕާސަންގެ މަގާމަށް ނަޝީދާ ވާދަކުރައްވާ މީކާއިލް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ އިބުރޭ ކެމްޕެއިންގައި އުޅުއްވާކަން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ސާފުވާ ކަމަށެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ ޕާޓީގެ ކެމްޕެއިންތަކާއި މެންބަރުން އިތުރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އޮތް ފަރާތް ކަމުން، އެ މަގާމުގައި ހުންނެވި ބޭފުޅަކު ވަކި ފަރާތަކަށް ޖެހުމަކީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލޭނެ ކަމެކެވެ.
އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް އިބުރޭ ތާއީދުކޮށް، އެ ކެންޑިޑޭޓްގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެހެން ކެންޑިޑޭޓުންނަށް ނުލިބޭ ފައިދާއެއް އޭނާ ތާއީދުކުރާ ކެންޑިޑޭޓަށް ފޯރުކޮށްދީ އިންތިހާބުގެ ނަޒާހަތްތެރިކަން ގެއްލިގެންދާ ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ އެއީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރާ އާންމު މެންބަރުންގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި، ކެމްޕެއިންގެ މުއްދަތަށް އިބުރޭ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވާން ޖެހޭ ކަމަށެވެ. ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ ވެސް މިފަދަ ނުރަނގަޅު އުސޫލުތައް އިސްލާހުކުރެއްވުމަށް ކަމަށް މީކާއިލް ވިދާޅުވިއެވެ.
އިބުރޭ އަކީ މި މަހުގެ ކުރީކޮޅު މަގާމުން ވަކިކުރުމަށްފަހު ޕާޓީގެ މަސްލަހަތަށްޓަކައި އަލުން މަގާމު އިޔާދަކުރި ބޭފުޅެކެވެ.









