މިއަދު ގައުމުގެ އިޖުތިމާއީ އަދި އަހުލާގީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ބައެއްކަންތައް އެބަހުރި ކަމަށާއި އެގޮތުން މާތް ﷲ ހުރުމަތްތެރިކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރާން ޖެހިފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ
”ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބު ކަމަށެވެ.
އަދި ދިވެހިންނަކީ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ގަރުނުތަކެއްވަންދެން ދެމިތިބި ބަޔަކަށްވީ އިރު, އަހަރެމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިޙުތިރާމްކުރުމާއި ލޮބުވެތިކަމާއި އަމާނާތްތެރިކަމާއި މަކާރިމުލްއަހުލާގުގެ ރިވެތި ސިފަތަކަކީ އަބަދުވެސް ދަމަހަންޓާން ޖެހޭނޭ ކަންކަން ކަމަށް ބުންޏެވެ.
މިއަދު ގައުމުގެ އިޖުތިމާއީ އަދި އަހުލާގީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ބައެއްކަންތައް އެބަހުރިކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެކަން ކުރެވޭނީ ކޮންމެ ފަރުދަކު ވެސް، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ. އަދި މުޖުތަމައު ރަނގަޅު މުޖުތަމައަކަށް ނުވަތަ ނުބައި މުޖުތަމައަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށް ކަމަށާއި މުޖުތަމައު އިސްލާހުކުރާން ތިބީ ވެސް ހަމަ އަހަރެމެން ކަމަށާއި އިސްލާހުކުރާން މަސައްކަތްކުރާހައި ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެ ކަމަށް ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, ރަށެއްގެ އަހުލުވެރީންނަކީ މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، އެކަލާނގެ އެ ބަޔަކަށް ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެ ކަމަށާއި އެއާ ހިލާފަށް އަމަލުކުރާނަމަ އެ ބަޔަކު ހަލާކުކުރައްވައި ނެތިކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާ ކަމަށެވެ.
މިކަންކަމަށް އިޝާރާތްކޮށް ހުތުބާގައި ވަނީ މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމުގެ މަގު އިހުތިޔާރުކޮށް, ދުންޔަވީ އެދުންތަކާއި ފަސާދައިގެ މަގުތައް ބަންދުކޮށް، ފިތުނައިގެ މަގުތަކަށް ތަބާވާ މީހަކަށް ނުވުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ތިބާއީ ފިތުނައިގެ އަލިފާންގަނޑަށް ދަރުއަޅާ މީހަކަށް ނުވުމަށްވެސް ނަސޭހަތްތެރިވި އެވެ.


