ނަޝީދުގެ އިންޒާރެއް: ސަރުކާރު މުވައްޒަފުންނަށް ބޭއިންސާފުވުން ހުއްޓާލާ, ނޫނީ އޮފީސްތައް އޮކިއުޕައި ކުރާނަން!

ރައީސް މުހައްމަދު ނަޝީދު ---

ސަރުކާރުން އެއްވެސް މީހަކަށް ބޭއިންސާފުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެކަން އެގޮތަށް ކުރާނަމަ އެމްޑީޕީން ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗަށް އެއްވެފައި ތިބި ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ, ގައުމެއްގެ ހަޔާތުގައި އެއް ހާލަތުން އަނެއް ހާލަތަށް ބަދަލުކުރާ ދަނޑިވަޅުތަކާއި ވަގުތުތަކެއް އަންނަ ކަމަށާއި މިއަދަކީ އެފަދަ ވަގުތުކޮޅެއް ކަމަށެވެ. އަދި މި ރާއްޖެ ދޫކޮށްލެވެން ނެތް ކަމަށާއި މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ރައްޔިތުންގެ މިނިވަންކަމާއި ތަނަވަސްކަމަށް އަބަދުވެސް ތެދުވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ, އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދުކުރެއްވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެތައް ބަޔަކަށް މި ސަރުކާރުން ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށެވެ.

”މި އިންތިހާބުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އަޅުގަނޑުމެންނަށް ތާއީދުކޮށް ތަރުހީބުދީ ހެދި ކިތަންމެ ބަޔަކަށް ވަނީ ބޭއިންސާފުން އަމަލުކޮށްފައި. އަޅުގަނޑު ސަރުކާރަށް ގޮވާލަން ތި ބޭފުޅުން އެކަންކަން މާދަމާ ރަނގަޅު ކުރައްވާށޭ, ނޫންނަމަ އަޅުގަނޑުމެން ނުކުންނާނަމޭ. އަޅުގަނޑުމެން ތި ހުރިހާ ކުންފުންޏެއް މާލޭގައި މިހުރީ އެ ތަންތަނުގެ ހެޑް އޮފީސްތައް އޮކުއިޕައިކުރާނަން. އަޅުގަނޑުމެން ސީދާ ހަރަކާތަށް ދާނަން. ސަރުކާރުން އެއްވެސް މީހަކަށް ބޭއިންސާފުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އަޅުގަނޑުމެން ތިބޭނީ ބަލަބަލާ. އަޅުގަނޑުމެން ތިބޭނީ ހަރަކާތަށް އަންނަން އަބަދުވެސް ތައްޔާރަށް,“ ނަޝީދު ވިދާޅުވި އެވެ.